ސޭވް މޯލްޑިވްސް ކެމްޕޭން
ނޫސް ބަޔާން – 6 އޮކްޓޫބަރ 2019
ދިވެހިރާއްޖެ

މިނިސްޓްރީ އޮފް އެންވައިރަމަންޓް އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން 6 އޮކްޓޫބަރު 2019 ގައި އާންމުކުރި ނޫސް ކޮންފަރެންސާއި ގުޅޭ

ދިވެހި ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ރަށްރަށުން، ފަޅުރަށްތަކުން އަދި ދަނޑުވެރިކަންކުރާ މުހިންމު ބިންރަނގަޅު ރަށްރަށުން ރުއްގަސް އުފުރައިގެން، ފަރުފަޅުހިއްކައިގެން ހަދާފައިވާ ބިންތައް ފެހިކުރަން ގެންދިއުމަކީ މިއަދު ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެބޮޑު އެއް މައްސަލައެވެ. އަދިމިކަމަކީ މިކެމްޕޭނުގެ ފަރާތުން ގާތުން ބަލަމުން ކަންބޮޑުވުން ފާޅުކުރަމުންދާ ވަރަށް ސީރިއަސް މައްސަލައެކެވެ. ދާދި އިހަކަށްދުވަހު ށ. ފޯކައިދޫ، ހއ. ބާރަށް އަދި ހއ. ކެލާ އިން އެތައްސަތޭކަ ރުކެށް މުލުންލުހެ އުފުރައިގެން އުފުއްޔަށް ބަރުކޮށްގެން ރިސޯޓުތަކެއް ފެހިކުރަން ގެންދަމުންދާ ކަމުގެ ކަންބޮޑުވުން މިދަނީ ފާޅުކުރަމުންނެވެ.

މިނިސްޓްރީ އޮފް އެންވައިރަމެންޓް އާއި އީ.ޕީ.އޭ ގުޅިގެން މިއަދު ކުރިޔަށް ގެންދިޔަ ނޫސް ކޮންފަރެންސް ގައި ސަރުކާރުގެ އިސް އަދި ޒިންމާދާރު މަގާމު ތަކުގައި ތިބި ފަރާތްތަކުން މިމައްސަލައާއި ބެހޭގޮތުން ރައްޔިތުންނާއި ހިއްސާކޮށްފައިވާ މައުލޫމާތު ތަކަކީ ނުހަނު ބޮޑަށް ކަންބޮޑުވާންޖެހޭ ވާހަކަތަކެކެވެ. މީގެ ތަފްސީލީ ނުކުތާތަކެއް ތިރީގައި ހިމަނަމެވެ.

1 – ޕްރެސް ކޮންފަރެންސް ގައި ރުއްގަސް އުފުރައިގެން ގެންދާތަނަކީ އީ.ޕީ.އޭ ގެ އިމުން ބޭރުގައިވާ ކަމެއްކަމުގައި ބުނުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
މިކަމުގެ ސަބަބަކީ ރާއްޖޭގެ ރަށްތަކުގެ ތިމާވެށި ހިމާޔަތްކޮށް އެރައްތަކުން ރައްޔިތުންނަށް ދެމެހެއްޓެނިވިގޮތުގައި ޒަމާނުއްސުރެ ލިބެމުންދާ މަންފާއާއި ނަފާ ހިމާޔަތްކުރުމަކީ ސަރުކާރުގެ ޤާނޫނީ ޒިންމާއެއް ކަމަށްވާތީއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ނުބައްސާ އާންމުންނަށް މަންފާލިބޭ އާމުދަނީގެ ވަސީލަތެއް ވިޔަފާރީގެ ތެރެއިން ގަނޑުކޮށް ބަޔަކަށް ވިއްކުމަކީ ނުވަތަ “ދިނުމަކީ” ބަލައިގަނެވޭނެ ކަމެއްނޫނެވެ. އަދި މިކަން ސަރުކާރުގެ މުއައްސަސާއަކުން ދިފާއު ކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ. ފަހަކަށް އައިސް ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާ ސަބަބަކީ އެމް.އެމް،ޕީ.އާރު.ސީ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދައި ހިއްކި ފަރު އަދި ފަޅުތައް ފެހިކުރުން ކަމަށް ވެފައި، މިސަރުކާރުގެ ވައުދެއް ކަމުގައިވާ ހިޔާނާތަށް އެއްބާރުލުން ނުދިނުމާއި ދިމާ އިދިކޮޅު ވާހަކައެއް ކަމުގައި ފާހަގަ ކުރަމެވެ. އަދި ތަރައްޤީގެ ނަމުގައި ރާއްޖޭގެ ނާޒުކުތިމާވެއްޓަށް ދެމުންދާ އިޔާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކަކީ ތަރައްޤީގެ ބައެއްގެގޮތުގައި ސިފަކޮށް އެކަމުގެ ސީރިއަސްކަން ހިންދާލާފަދަ ގޮތަކަށް ތިމާވެށި ހިމާޔަތްކުރުމުގެ އިސްދައުރާއި ޤާނޫނީ ވާޖިބު އޮތް ވުޒާރާއާއި އީ.ޕީ.އޭ އިން ވާހަކަދެއްކުމަކީ ރާއްޖޭގެ ތިމާވެށީގެ މިހާރުގެ ހާލަތަށް ބަލާއިރު ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށް ޤަބޫލުކުރަމެވެ.

2 – ރާއްޖޭގައި ފަރުފަޅު ހިއްކާތާ 100 އަހަރު ވެއްޖެކަން ފާހަގަކޮށް މީ “އާންމުކަމެއް” ގެ ގޮތުގައި ސިފަކޮށް މިހާރު އަމިއްލަ ވިޔަފާރިއަށްޓަކައި ފަރުފަޅު ހިއްކާ ނާޒުކުތިމާވެއްޓަށް ދެމުންދާ ބޮޑެތި ގެއްލުންތަށް އެނޫން ގޮތެއްގައި ސިފަކުރުމަކީވެސް ނުހަނު ކަންބޮޑުވާ ކަމެކެވެ.
ރާއްޖޭގައި މިހާރު ފަރުފަޅު ހިއްކަނީ މާޒީގައި މިކަންކުރިގޮތަށް ނޫންކަން އަދިއޭރު ދެވިފައި ހުރިގެއްލުން ތަކުން މިހާރު އެތައްރަށަކަށް އިޔާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމީ ފާޅުގައި ރައްޔިތުންނަށް ފެންނަންއޮތް ޙަޤީގަތެވެ. އަދި ބޮސްކާލިސް (2010) އާއި މަހާޖައްރާފާ (2017 އިން މިހާތަނަށް) އަދި ވެންއޫރުދު ކުންފުނިން (2016) އެކަނިވެސް ރާއްޖޭގެ 600 ކިލޯމީޓަރުގެ ކަނޑުފަރުފަޅަށް ގެއްލުން ލިބޭފަދަ ގޮތްނޭނގޭ މަޝްރޫއުތައް ހިންގާފައިވާކަމަކީ ފެންނަންއޮތް ހަޤީގަތްތަކެވެ. އަދި މިކަންކަމަކީ މިވީހާތަނަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އޭގެ ގެއްލުންތަކުގެ ފުންމިނާ ފުޅާމިން ބަލާފައި ނުވާ ބޮޑެތި ޖަރީމާތަކަކަށްވާ ހިނދު މިފަދަވާހަކަތަކުން އެކަންކަމަކީ ފޮރުވޭނެ ކަންކަމެއް ނޫންކަން މިފުރުސަތުގައި ހަނދާންކޮށްދެމެވެ.

3 – އުފުރާ ރުކަކަށް 2 ރުއް ޖެހުމުގެ ވާހަކަ އަދި މިކަން ހަގީގަތުގައިވެސް ކުރަމުންދާ ވާހަކައިގެ ހީނަރުކަން ފާހަގަކުރަމެވެ.
މިކަމަކީ މިހާތަނަށް އީ.ޕީ.އޭ އަށް އެދިގެންވެސް ތަފާސްހިސާބު ލިބިފައި ނުވާ ކަމަކަށް ވާހިނދު މިކަމުގެ ތަފްސީލަކީ ވަންހަނާ ހާލަތުގައި އޮތްކަމެއްކަން ފާހަގަކުރަމެވެ. މީގެ އިތުރުން ބިޔަ ބޮޑެތި، ބިންގަނޑު ހިފަހައްޓާ ރުއްގަސް އަދި ރަށްރަށުގެ ކާބޯތަކެތީގެ ނިޒާމަށް ބޮޑު ލުޔެއްލިބޭ ކާށި އުފައްދަމުންދާ ރުއްތައް އުފުރައިގެން ގެންދިއުމަކީ ރަށުގެ ވިލުންވެރިކަން ދަށަށްދިއުމުގެ އިތުރުން، ރަށުގެ ކާނާގެ ރައްކާތެރިކަމާއި ރަށްރަށުގައި ރުއްބޭނުން ކޮށްގެން އާމުދަނީ ހޯދަމުންދާ އާއިލާތަކަށްދޭ ބޮޑުގެއްލުމެއްކަން ފާހަގަކުރަމެވެ. އަދި މިނިސްޓްރީއަށް މިކަން ފާހަގަނުކުރެވުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. މިއަދު އުފުރައިގެން ރިޒޯޓު ފެހިކުރަން ގެންދާ ރުކުގެ ބަދަލުގައި މާދަމާ އިންދާ ކުޑަ މުޑިކާށިން މަންފާހޯދުމަށް މިއާއިލާތަކުން ތިބެވޭނެތޯއެވެ؟

4 – ބަދަލުގައި ރުއްގަސް އިންދާފައިވަނީ ތިން ރަށުން ކަން ފާހަގަ ކުރުމަކީ ނުހަނު ކަންބޮޑުވާކަމެކެވެ.
ރުއްގަސް އުފުރުމާއި އެހެނިހެން ތަންތަނަށް ގެންދިއުމުގެ ޤަވާއިދުގައި ޝަރުތު ކޮށްފައި ވާގޮތުގެ މަތިން ބަދަލުގައި އިންދަން ޖެހޭ 6 ނުނީ 2 ރުއް މިހާތަނަށް އިންދާފައިވަނީ އެންމެ ތިންރަށުންކަން ހާމަކޮށްފައިވާކަމީ ނުހަނު ކަންބޮޑުވަންޖެހޭ ކަމެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ރަށެއްގައި ހުރި ރުއްގަސް ކޮނެގެން ނަގައިގެން ގެންދިއުމުގެ ހުއްދަ ދީފައިވާއިރު އެންމެ ތިންރަށުގައި ބަދަލުގައި ގަސްއިންދިކަން މިހާތަނަށް ޔަގީން ކޮށްފައިވާކަމީ މިމައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ނުދެކޭ ކަން ހާމަވާ ކަމެކެވެ. އަދި ހަމަ އެހެންމެ ރައިސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖޭގައި ގަސްއިންދާ ފެހި ކުރުމުގެ ވަޢުދެއް ކަމުގައިވާ #ރަށްފެހި ވައުދަށް އިހްތިރާމް ނުކޮށް، ދިމާ އިދިކޮޅަށް ރަށުގައި ހެދިފައި ހުރި ގަސްރުއް ބޭރުކޮށް ބަދަލުގައި އިންދާކަންވެސް ޔަގީން ނުކުރާކަން ހާމަވާކަމެކެވެ.

5 – ރުއްގަސް އުފުރުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ޤަވައިދު އިސްލާހުކޮށް ވަރުގަދަ ކުރުމާބެހޭ ގޮތުން ދެކެވުނު ވާހަކަ ތަކާއި ދޭތެރޭ ވެސް ކަންބޮޑުވެއެވެ.
ޤަވާއިދު ރަނގަޅު ކުރި ކަމުގައިވިޔަސް ނުފުދިދާނެތީ ޤާނޫނެއް ހެދުމަށް ވިސްނަމުންދާ ކަމުގައި ވިދާޅުވެފައިވާ ކަމީ އަނެއްކާވެސް މިމައްސަލައަށް އަވަސް ފިޔަވަޅު އެޅުން މަޑުޖެއްސުމަށް ދައްކާ އިތުރު ބަހަނާއެއް ކަމުގައި ޤަބޫލު ކުރާނެ ޖާގައެބަ އޮތެވެ. އެހެނީ ޤަވާއިދު ރަނގަޅު ކުރުމުގެ މަސައްކަތަށް މިވަނީ އެތަކެއް މަހެއް ފާއިތުވެފައެވެ. މިގޮތުން އާންމުންގެ ގިނަ ޝަކުވާއާއިއެކު ޤަވައިދަށް ހިޔާލު ހޯދުމަށް މެއި 2019 ގައި ފޯރަމެއް ބޭއްވުނުފަހުން އަދި މިހާތަނަށް ޤަވައިދާ ގުޅޭގޮތުން އެއްވެސް މަސައްކަތެއްކޮށް މަޢުލުމާތެއް އާންމުންނަށް ހިއްސާކުރެވިފައެއް ނުވެއެވެ. މިފަދަ ސީރިއަސް މައްސަލައެއް ބާރު ސްޕީޑްގައި ހިނގަމުންދާއިރު ޤަވާއިދު އިސްލާހު ކުރުމަށް ނުކުޅެދިފައިވާއިރު އަނެއްކާ ޤާނޫނެއްގެ ވާހަކަ ދެއްކުމަކީ ސުވާލު އުފެދޭ ކަމަކެވެ. އަދި ދިމާވެފައިވާ ސީރިއަސް މައްސަލައަށް މައުނަވީ ހައްލެއް ގެނައުމަށް އުޅެވިފައިނެތް ކަމުގެ ހެއްކެއްކަމަށް ޤަބޫލުކުރެވެއެވެ.

6 – ރިޔާސީ އިންތިޚާބު ކުޑަތަންވެފައި ވަނިކޮށް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ބައްދަލުކޮށް 21 ސެޕްޓެމްބަރު 2018 ގައި މިކެމްޕޭނުގެ މެމްބަރުންނާއި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ އެހެން ބައެއް ފަރާތްތަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މިނިވަން އީ.ޕީ.އޭ އެއް އޮތުމުގެ މުހިންމުކަން ފާހަގަ ކޮށް މިކަން ކުރުމަށް ހުށަހަޅާފައިވާނެއެވެ. ނަމަވެސް އަހަރުދުވަސް ފާއިތުވެ، އީ.ޕީ.އޭ ހިންގުން ބަލައިނުގަނެވޭ ފެންވަރަށް ދަށްވެފައިވާއިރު މި މުއައްސަސާ އަކީ އަދުވެސް މިހާލަތުގައި އޮތްތާކަށް ވުމުން، ރާއްޖޭގެ ޤާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ވާފަދައިން ރާއްޖޭގެ ތިމާވެށި މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތުގައި ފޯރުކުރުމަށް ކުރަންޖެހޭ މަސައްކަތް ނުކޮށްދޫކުރެވިފައިވާކަން ފާހަގަކުރަން ޖެހެނީ ފުން ހިތާމައާއި އެކުއެވެ. ރާއްޖޭގެ ރަށްރަށުގެ ވިލުންވެރިކަން ނަގާލާ ފަރުފަޅުތައް ހިއްކާ، ރުއްގަހުގެ ވަގުވިޔަފާރި ތަކުރާރުވުމަށް ޖާގަދެވިފައިވާކަމީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާއަށް ޤާނޫނުން ލާޒިމުކޮށްފައިވާ ގޮތުގެމަތިން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި މިކަމަށް ކުފޫހަމަވާ ޤާނޫނީ ހައިސިއްޔަތާއި ޤާނޫނު ނެގެހެއްޓުމުގެ ޒިންމާ އުފުލޭނެ، ވިޔަފާރިވެރިންނާއި ކޮރަޕްޝަނުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން، ޒިންމާދާރު އަދި ކަމަށް އެކަށީގެންވާ ފެންވަރުގެ އީ.ޕީ.އޭ އެއް ވުޖޫދަށް ގެނައުމަށް ތަކުރާރުކޮށް ގޮވާލަމެވެ.

ނިމުނީ